Emme Varugadha Shakhsiyyathu | Dhivehi | Naseyhai

  • 69
  • 0
  • 0
  • 1
  • 0
  • 0

މަލާމާތާއި، ފުރައްސާރައާއި ތުޙުމަތުގެ ދޫތަކުން އެބޭކަލެއްގެ އުޖާލާކަން ފަނޑުނުކުރެވުނު އެންމެ ވަރުގަދަ އެއް ޝަޚްޞިއްޔަތަކީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދުން صلى الله عليه وسـلم. ހުރިހާ ޒަމާނެއްގައިވެސް ކާފަރުންގެ ދޫތަކުން ކެނޑިނޭޅި އެމާތް ޚުލްޤުގެ ޞަފްޙާތަކަށް ކުޅުޖަހަން މަސައްކަތް ކުރަމުން ދޭ. އެ ނަމޫނާގެ ފަތްފުށްތަކަށް ދޮގާއި މަކަރުގެ އިލްޒާމްތަކުގެ ނަޖިސްއެޅުމަށް މަސައްކަތްކުރަމުން ދޭ. އެހެންނަމަވެސް އެބޭކަލެއްގެ ތާރީޚް މުޅިދުނިޔޭގެ ތާރީޚްގައިވެސް އެންމެ ފުރިހަމައަށް ރައްކާކުރެވުނު އެމާތް ނަބިއްޔާއަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު އެފަރާތަކަށް ލޯބިވެސްކުރާ ފަރާތް. ދުނިޔެއަށް ފޮނުވުނު އެންމެހާ މަޚްލޫޤުތަކުންގެ މައްޗަށް އެކަލޭގެފާނު ޚާއްސަވެ، މާތްކުރެވިފައިވަނީ އިލާހީ ނިޔާގެ ދަށުން.

އެކަލޭގެފާނު ވިދާޅުވާ ބަސްފުޅުތަކަކީވެސް އިއްވެވޭ ވަޙީއެއް ކަމުގައި ޤުރުއާނުގައި ބަޔާން ކުރެވުނު. ހަމައެހެންމެ އެކަލޭގެފާނު ފޮނުއްވުނީ ނަބީކަމާއި ރަސޫލުކަމުގެ ސިލްސިލާ ނިންމެވި އެންމެ ފަހުގެ ނަބިއްޔާކަމުގެ ސިއްކަ ޖެހެވިގެން. ނަބީކަން ޚަތިމް ކުރެއްވި ބޭކަލެއްގެ ގޮތުގައި. ހުރިހާ ޝަރަފަކާއި ޢިއްޒަތެއް އެކަލޭގެފާނަށް ވަނީ ﷲތަޢާލާގެ ހަޟްރަތުން ލިބިލައްވާފައި.

ޝައްކެއްނެތްގޮތުގައި އިންސާނީ ޙަޔާތަށް ބޭނުންވާނޭ ހުރިހާ އަސާސެއް އެކަލޭގެފާނުވަނީ މިއުންމަތަށް ފޯރުކޮށްދެއްވާފައި. ބަޔާންކޮށްދެއްވާފައި. އެކަލޭގެފާނުގެ ޢަމަލީ ޙަޔާތުން ތަމްސީލްކޮށްދެއްވާފައި. އެކަމުގެ މައްޗަށް މުޅި އިސްލާމީ އުންމަތްވަނީ ހެކިވެފައި. އަދި ކިއެއްތަ! މުޅި އިންސާނިއްޔަތުވެސްމެ. އެހެންކަމުން އެކަލޭގެފާނުގެ ދިރިއުޅުއްވުމުން އިންސާނާގެ ދިރިއުޅުން ކާމިޔާބު ކުރަން ބޭނުންވާނެ ހުރިހާ ރަހައަކާއި ކުލައެއް ލިބިގެންދާނެކަމީ އިޤްރާރުވެފައިވައި އަސްލެއް.

އިންސާނާ އޭނާގެ ދުނިޔެއާއި އާޚިރަތް ކާމިޔާބު ކުރުމަށް ދެނެގަންނަންޖެހޭ އެންމެ އަސާސީ އެއްބިންގަލަކީ ކާއިނާތުގައި ވެރި އިލާހެއްވާކަން. ﷲގެ ރަސޫލާ صلى الله عليه وسـلم ވަނީ ހުރިހާ ޚަލްޤުތަކެއްގެ ވެރި ﷲ تبارك وتعالى އެއްކައުވަންތަކުރާނެ ތައުޙީދުގެ ބިންގާތައް ނުހަނު ސީދާކޮށް އަޅުއްވައިދެއްވާފައި. އަޅާއާއި ރައްބާއި ދެމެދުގައި އޮންނަންޖެހޭ ރޫޙާނީ ގުޅުން ބަޔާންކޮށްދެއްވާފައި.

ވަޙީ ފޯރުކޮށްދިނުމުގެ ބުރަ އެކަލޭގެފާނާއި ހަވާލުކުރެވުނު ހިނދު ހަތް އުޑުގެ މަތިން އިއްވޭ އިލާހީ ބަސްފުޅުތައް މީސްތަކުންނަށް ފޯރުކޮށްދިނުމުގައި ފަރުވާތެރިވެލެއްވި. ޙިކުމަތާއި މަޑުމައިތިރިކަން އިސްކުރެއްވި. ކެތްތެރިކަމާއިއެކު އަނިޔާތަކާއި މަލާމާތްތަކުގެ ކުރިމަތީގައި ޘާބިތުވެވަޑައިގެންނެވި. ނަމާދާއި، ޒަކާތާއި، ރޯދަފަދަ އަޅުކަންތައް އަދާކުރާނެ އެންމެ ފުރިހަމަގޮތް އުންމަތަށް އުނގަންނައިދެއްވެވި. ސުވަރުގެ އިންސާނާގެ މައްޗައް ޙަރާމްވެގެންދާ އެންމެ ބޮޑު ފާފަ ކަމުގައިވާ ޝިރުކާއި އޭގެ ހުރިހާ ވައްތަރުތައް ބަޔާންކޮށްދެއްވެވި. މަރާއި އޭގެ ހަޤީގަތްތަކާއި ކަށްވަޅުގެ ބިރުވެރިކަން މީސްތަކުންނަށް ހާމަކޮށްދެއްވަވާ އެކަމާއި ކީރިތި ކުރައްވާ އުޅުއްވެވި. ސުވަރުގޭގެ ނިޢުމަތްތަކުން ހިތްތައް އެދުންވެރި ކުރުއްވަވާ ނަރަކައިގެ ގަދަފަދަ އަޒާބުގެ ޚަބަރުން މީސްތަކުންނަށް ބިރުވެރިކަމުގެ ޚަބަރު ދެއްވެވި. ޤިޔާމަތުގެ ވާހަކަތަކުން ޤައިބުގެ މައްޗަށް އިންސާނާގެ އަޤީދާ ސީދާ ކުރެއްވެވި.

މިނޫނަސް އެކަލޭގެފާނުގެ ނަމޫނާ ވަނީ އިންސާނީ ނަސްލުގެ މައްޗަށް ހުރިހާ ދާއިރާއެއްގައި ކުރިހޯއްދަވައިފައި. ނުބަޔާއި ރަނގަޅު ވަކިކޮށް އޭގެ އިމާއި މިން ކަނޑައެޅުއްވެވި. އިންސާނީ ތާރީޚް ދުއް އެންމެ ހެޔޮ މުޖުތަމަޢު ތަރުބިއްޔަތު ކުރެއްވެވީ އެކަލޭގެފާނުގެ ފުރިހަމަ ބެއްލެވުމުގެ ދަށުން. ސަޙާބީ ބޭކަލުން އެބޭކަލުންގެ ފުރާނަފުޅަށްވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެ ވަޑައިގެންނެވި.

އެހެނީ އެކަލޭގެފާނަކީ އެބޭކަލުންނާއިއެކު މަޖްލިސް ކުރައްވާ އުޅުއްވެވި މުޅި އުންމަތުގެ ވެރިއެއް. އެބޭކަލުންނަށް ދިމާވާ ކޮންމެ ހިތާމައެއްގައި އެކަލޭގެފާނު ޢަމަލީ ގޮތުން ބައިވެރިވެލެއްވެވި. ތަސައްލީ ދެއްވަވާ ހިތްވަރުދެއްވެވި. އެބޭކަލުންނަށް ފާފައެއް ކުރެވިއްޖެނަމަ ﷲގެ ހަޟްރަތުގައި އެފާފަ ފުއްސެވުމަށްއެދި ދުޢާ ކުރައްވަވާ. ގޯސްކޮށް ކުރެވޭ ކަންކަން އިސްލާޙު ކޮށްދެއްވަވާ. ޙުނައިނު ހަނގުރާމައަށް ވަޑައިގެންނެވި ދުވަހު ބަރަކާތް ހޯދުމަށް ގަހެއް ކަނޑައަޅައިދެއްވުމަށް އަލަށް އިސްލާމްވި ސަޙާބީ ބޭކަލުން އެދިލެއްވި އެދިލެއްވުމަކީ ކުފުރެއްކަން ބަޔާންކޮށްދެއްވެވި. ހަނގުރާމަތަކުގައި ޝަހީދުވާ މީސްތަކުންގެ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެއްވެވި. ބަލިމީހުނަށް ޒިޔާރަތްކޮށް ޖަނާޒާގައި ބައިވެރިވެ ވަޑައިގެން މައްޔިތާއަށް ހެޔޮ ދުޢާ ކުރެއްވެވި. ދުވަހަކުވެސް ޒާތީގޮތުން ނުވަތަ ބަދަލު ހިފުމުގެ ރޫޙެއްގައި އަމަލުކުރައްވާފައެއްނުވޭ. މުޅި ދުނިޔެދުއް އެންމެ ބޮޑު މާފު، އާދެ މައްކާ ފަތަޙަ ކުރެއްވި ދުވަހު އެކަލޭގެފާނުވަނީ މައްކާގެ މުޝްރިކުންނަށް ދެއްވަވާފަ.

އެކަލޭގެފާނަކީ އެކަލޭގެފާނަށް މަޝްވަރާއެރުވުމަށް ސަޙާބީންގެ ފަރާތުން ގިނަގިނައިން އެދިލައްވާ އުޅުއްވި ބޭކަލެއް. ޚަންދަގު ހަނގުރާމައިގައި ދިފާޢީ ބޮޑު ވަޅުގަނޑެއް ކޮންނެވީވެސް ސަލްމާނުލްފާރިސީގެ މަޝްވަރާއަކަށް. އެކަލޭގެފާނަކީ ހަނގުރާމައިގެ ޤާއިދެއް. ސަފުތައް ތަރުތީބުކޮށް ޢަމަލީގޮތުން ޖިހާދު ކުރެއްވުމުގައި ބައިވެރިވެލެއްވެވި. ޢަދާވާއްތެރިން ޤަތުލުކުރެއްވެވުމުގެ ކުރިން އިސްލާމްދީނުގެ ދައުވަތު ދެއްވާ. ހަނގުރާމައިގެ ބަދަލުގައި ސުލްޙައިގެ މަގަށް ލޯބިކުރައްވާ. ﷲގެ ހައްދުތަކާއި ޝަރީއަތަށްޓަކައި ކަނޑިވެސް އުފުއްލަވާ. ކަމާ ނުބެހޭ މީހުން މެރުން ހަނގުރާމައިގައި މަނާކުރެއްވެވި. އަންހެނުންނާއި ކުޑަކުދިން ޤަތުލު ނުކުރެއްވުމަށް އަމުރުކުރެއްވެވި. ގަސްގަހާ ގެއްސާއި ޖަނަވާރުތަކަށް ގެއްލުން ދިނުން ނަޙީ ކުރެއްވެވި. ﷲގެ ހައްޤުތައް ރައްކާތެރިކުރުމަށް މަސްލަޙަތެއްގެ ގޮތުގައި މުޝްރިކުން އަޅުކަންކުރާ ތަންތަނަށް ހަމަލާދިނުމުން ދުރުވެ ތިބުމަށް އަމުރު ކުރެއްވެވި. މިނޫނަސް ދޫނި ސޫފާ ސޫއްޕާއި ޖަނަވާރަށް ގެއްލުން ދިނުމާއި އަނިޔާކުރުން ނަހީކުރެއްވެވި. ހުދު އެތަކެއްޗަށްވެސް އިޙްސާންތެރިވެލައްވާ މީސްތަކުންނަށްވެސް ދިރޭ ތަކެއްޗަށް އިޙްސާންތެރިވުމަށް އަމުރުކުރެއްވެވި. ކަރުހިއްކައިގެންފައިވައި ކުއްތާއަކަށް ފެންދިނުމުގެ ފަޟްލުވެސް ބަޔާންކޮށްދެއްވެވި. ކާންނުދީ ބުޅަލެއްގެންގުޅި އެމަރާލި އަންހެނާގެ މައްޗަށްހުރި އަޒާބުވެސް ބަޔާންކޮށްދެއްވެވި.

އެކަލޭގެފާނުގެ ހަޔާތްޕުޅުން ބަލާލި ކޮންމެ ދިމާލަންވެސް ފެންނަނީ އެކަލޭގެފާނުގެ މާތް ޚުލްޤު. ރިވެތި ނަމޫނާ. އެގޮތުން މަގުތަކުގެ ހައްޤުތައް މަގުތަކަށް ދިނުމަށާއި އެމަގުތަކުގައިވާ މީސްތަކުންނަށްވާ އުދަނގޫތައް އެއްފަރާތް ކުރުމަށް އިރުޝާދުދެއްވެވި. އެއްދުވަހެއްގައި އެކަލޭގެފާނަށް ޢާއްމުގޮތެއްގައި ޚިދުމަތްކުރައްވާ އުޅުނި ޔަހޫދީންގެ ކުޑަކުއްޖެއްގެ ޚަބަރު ނުވުމުން އޭނާޔާވެސް ޒިޔާރަތްކުރެއްވެވި. ބަނޑުހައިހޫނު ކަންމަތީ ހުންނަވާ އަވަށްޓެރިންނާއި މެހެމާނުންނަށް އިސްކަންދެއްވަވާ. މުސްކުޅިވެ ދުވަސްވެފައިވާ މީހުންގެ މަސައްކަތްތައް އެކަލޭގެފާނުގެ އަމިއްލަ އަތްޕުޅުން ކޮށްދެއްވަވާ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލައްވާ ހޭހަންކުރެއްވެވި. އަލަށް އިސްލާމްވާ މީހާއަށް ދީނީ އަދި މާއްދީގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަވާ. ސަޙާބީންނާއިއެކު ސަމާސާކުރައްވާ ހިނިވަރުނަ ކުރައްވަވާ. އެބޭކަލުން ކުޅުއްވާ ބައެއް ކުޅިވަރުތައް ބައްލަވާ ހެޔޮ ސިއްޙަތާއި ދުޅަހެޔޮކަމުގެ މައްޗަށް ބާރުއަޅުއްވަވާ. ނިޔަފަތި ކެނޑުއްވުމާއި ދަތް ސާފުކުރެއްވުމާއި ފުނާ އެޅުއްވުމާއި އަދި މިނޫނަސް ސާފުތާހިރުވުމުގެ މައްޗަށް ނުހަނު ބޮޑަށް އަމުރުކުރައްވާ އެކަލޭގެފާނުގެ އަމަލީ ޙަޔާތުން އެކަން ދައްކަވާ ދެއްވެވި. އަދި އަމަލީގޮތުން ބަކަރި ހުއިހެއްޕެވި އެމާތް ނަބިއްޔާ ވިޔަފާރީގެ ތެރެއިން ހުއްދަކުރެވިގެންވާ ކަންކަމާއި މަނާކުރެވިގެންވާ ކަންކަން އުއްމަތަށް ދަސްކޮށްދެއްވެވި. ކާއިނާތުގެ ވެރި ރައްބުގެ ޙުދޫދުތައް މުޢާމަލާތުގެ ހުރިހާ ކަމެއްގައިވެސް ހިފެހެއްޓުމަށް އިރުޝާދުދެއްވެވި.

އެކަލޭގެފާނުގެ ޢާއިލީ ދިރިއުޅުއްވުމަކީވެސް ކާމިޔާބު ޙަޔާތަކަށް ބޭނުންވާނޭ ހުރިހާ އުޞޫލުތަކެއް އޭގައި އެކުލެވިގެންވާ ނަމޫނާއެއް. އަނބިއަނބި ކަނބަލުންނަށް ނަޞޭޙަތް ދެއްވަވާ ޢިލްމު އުނގަންނަވައިދެއްވެވި. ކަންކަމުގައި އެކަނބަލުންނާއި މަޝްވަރާކުރައްވަވާ، އެކަނބަލުންގެ ރަޢުޔު ހޯއްދެއްވެވި. ޙައްޤުތައް ދިނުމުގައި ޢަދުލުވެރި ވެވަޑައިގެންނެވި. ދުވަހަކުވެސް ކާތަކެއްޗަށް ފާޑުވިދާޅުވެ ނުލައްވާ. ކާނެ އެއްޗެއް ގޭގައި ނެތްނަމަ ހުންނަވަނީ ރޯދަޔާ. ގޭތެރޭގެ މަސައްކަތުގައި ބައިވެރިވެލައްވާ، އަނބިއަނބި ކަނބަލުންނަށް އެހީތެރިވެދެއްވާ އުޅުއްވެވި. ކާފަ ދަރިކަލުން ކަމުގައިވާ ޙަސަންގެފާނާއި ޙުސެއިންގެފާނު ގެންގުޅުއްވެވި. އަދި ކުޑަކުދިންނާއިއެކު ވަގުތު ހޭދަކުރެއްވެވި. އެކަލޭގެފާނުގެ ލޮބުވެތި ދަރިކަނބަލުން ފާތިމަތުގެފާނާއިއެކު އެކަމަނާގެ އުފަލާއި ހިތާމަތަކުގައި ޝާމިލުވެލައްވާ އެކަމަނާއަށް އެކަމަނާގެ ޙަޔާތުގެ މައްސަލަތަކުގައި އިރުޝާދު ދެއްވެވި. ފާތިމަތުގެފާނާއި ޢަލީގެފާނާއި މެދުގައި އުފެދޭ ނުތަނަވަސްކަން ޙައްލުކޮށްދެއްވެވި. ދުވަހަކުވެސް އަޙްލުންގެ ތެރެއިން އެއްވެސް ބޭކަނބަލެއްގެ ގައިގައި ޖައްސަވާފައެއްނުވޭ. މިފަދަ ނަމޫނާއެއް ދުނިޔޭގެ އުދަރެހުން ފާޅުވެފައިވާއިރު އެކަލޭގެފާނު މައްޗަށް އަދާކޮށްދެން ޖެހޭ ޙައްޤުތައް އަޅުގަނޑުމެންނަށް އަދާކުރެވޭބާ؟

އެކަލޭގެފާނުގެ ސާފު ޢަމަލުފުޅުތަކުން ދެން އަޅުގަނޑުމެންނަށް ފެންނަނީ ޙައްޤަށް ލޯބުކުރައްވާ މިންވަރު. ޔަތީމުންނާއި ފަޤީރުންނަށް ލިބިގެންވާ އެބައިމީހުންގެ ޙައްޤުތައް މުއްސަދިންގެ މުދަލުން އެބައިމީހުނަށް ދެއްވެވި. ޙައްދު ކަނޑައެޅިފައިވާ ކުށެއް ޡާބިތުވެއްޖެނަމަ އޭގެ ޙައްދު ޤާއިމްކުރެއްވެވި. ޒިނޭކުރިކަމަށް އިޢުތިރާފްވި އަންހެނާ ރަޖަމްކުރެއްވެވި. އެއަންހެނާގެ ލެއަށް ބަދުބަސްބުނި ސަޙާބީންނަށް އެއަންހެނާގެ ތަޢުބާގެ މާތްކަން ހަނދާންކޮށްދެއްވެވި. ޤިޞާސް ހިފޭ މީހާގެ މައްޗަށްވެސް އޯގާތެރިވެލެއްވި. އެހެންނަމަވެސް ﷲގެ ޝަރީއަތް ޤާއިމްކުރުމުގައި ﷲގެ ފޮތަށް ޙުކުމް ކުރެއްވެވި. އެކަލެގެފާނު އެންމެ ލޯބިފުޅުވާ ދަރިކަނބަލުން ފާތިމަތުގެފާނު ވައްކަން ކުރެއްވި ކަމުގައި ވީނަމަވެސް އެކަމަނާގެ އަތްޕުޅުވެސް ކަނޑުއްވާނެކަން އިޢުލާން ކުރެއްވި. ޙައްޤާއި އަދުލަށް އިންޞާފުކުރެއްވެވި.

އާދެ މިއީ އެނަބީއެއްގެ ނަބީކަމަށް، އެރަސޫލެއްގެ ރަސޫލުކަމަށް އަޅުގަނޑުމެން ހެކިވެގެންތިބި މުޙައްމަދުން صلى الله عليه وسـلم ގެ ހަޔާތުގެ ކުރު ޚުލާސާއެއް. އެނަބިއްޔާގެ މުއްސަދި ސިޔަރަތުން ހޮވާލެވުނު މަދު މަޢުލޫމާތުކޮޅެއް. ޣައިރު މުސްލިމުންވެސް އެބޭކަލެއްގެ ނަމޫނާގެ މައްޗަށް ހެކިވެފަވާ އަޅުގަނޑުމެންގެ ފުރާނައަށްވުރެވެސް އެބޭކަލެއްދެކެ ލޯބިވާންޖެހޭ ބޭކަލެއްގެ ވާހަކަ. ސަޙާބީ ބޭކަލުން އެކަލޭގެފާނުގެ ދިފާޢުގައި އެބޭކަލުންގެ މޭފުޅުތައް ލޮންސިތަކާއި ތީރުތަކުގެ ކުރިމަތީގައި ކުރިމަތިކުރެއްވި ބޭކަލެއްގެ ވާހަކަ. އެ ޝަޚްޞިއްޔަތުގެ ދިފާޢުގައި އަޅުގަނޑުމެންނަށް ކުރެވުނީ ކޮންކަމެއްތޯ އަމިއްލަ ނަފްސާއި ސުވާލުކުރަން އެބަޖެހޭ. މިއަދު އަޅުގަނޑުމެންނަށް އެކަލޭގެފާނުގެ ސުންނަތަކީ އަގެއްނެތް އެއްޗެއްގެ ގޮތުގައި ބެލެވިފައިވިޔަސް އެކަލޭގެފާނަކީ އަޅުގަނޑުމެންދެކެ އިންތިހާއަށް ލޯބިވެވަޑައިގަންނަވާ އަދި ހޫނުކަން ގަދަވެގެންވާ ޤިޔާމަތްދުވަހު އުއްމަތުގެ މައްޗަށް ޝަފާޢަށްތެރިވެލައްވާނޭ މާތް ސާހިބާ. ކޮންމެ މީހަކު ނަފްސީ ނަފްސީ ގޮވަމުންދާ އެ ޤިޔާމަތް ދުވަހު އެކަލޭގެފާނު އިސްކުރައްވާނީ އެކަލޭގެފާނުގެ އުންމަތް. އާދެ އަޅުގަނޑުމެންގެ މިއުންމަތް.

ރިވެތިވެގެންވާ ދިރުއުޅުމެއް އެކަލޭގެފާނު ދައްކަވާފައިވާއިރު އެއަށް އަޅުގަނޑުމެންގެ ދިރިއުޅުން ޢަމާޒު ނުކުރެވެނީ ކީއްވެގެންތޯ އިއަދު އަޅުގަނޑުމެން ސުވާލުކުރަން އެބަޖެހޭ. ކާމިޔާބު ވާނޭ ހުރިހާ ސިފަތަކާއި ގޮތްތަކެއް ބަޔާންކޮށްދެއްވާފައިވާ އިރު ޣައިރު މުސްލިމުންގެ ގޮތްތަކާއި އުޅުންތައް އަޅުގަނޑުމެންނަށް ކަމުދިއުމަކީ ހައިރާންވާންޖެހޭ ކަމެއް. އެކަލޭގެފާނު މިއަދު ވަނީ އަވަހާރަވެފައި. ފަސްގަނޑުގެ ދަށުގައި ވަޅުލެވިފައި. ދުނިޔެ ދޫކޮށް ﷲތަޢާލާގެ ދާއިމީ ރަޙްމަތަށް ދަތުރުކުރެއްވި އިރު މިލްކުގައި އެއްވެސް އެއްޗެއް ދޫކުރައްވާފައެއްނުވޭ. ހަމައެހެންމެ ދުނިޔެއާއި އާޚިރަތް ބާއްޖަވެރި ކުރުމަށް ބޭނުންވާނެ އެއްވެސް ކަމެއް ބަޔާންނުކޮށް ދޫކޮށްލާފައެއްވެސް ނުވޭ. އެތައް ސަތޭކަ އަހަރައް ކުރިން އެކަލޭގެފާނު ބުނެދެއްވި ފިލާވަޅުތައް މިއަދުގެ އިރުފަދައިން ފެންނަން އެބަހުރި. ސިޔާސީ ގޮތުން އެކަލޭގެފާނު އެޅުއްވި ހަރުދަނާ ފިޔަވަޅުތަކާއި ނިންމުންތައް ނިންމެވީ އިންސާނުންގެ މަސްލަހަތަށް އެންމެ ރަނގަޅުގޮތަކީ އެގޮތްކަމުގަ ޔަޤީންކުރައްވައިގެން. އިޤްތިޞާދީ ބިނާތައް ފަރުމާކުރެއްވީ ދޭދޭ މީހުންގެ ޙައްޤުތައް ރައްކާތެރިވާނޭ ގޮތަކަށް. ޢިޖުތިމާއީ ފޭރާން ބައްޓަންކުރެއްވެވީ ރީތި ހުރިހާ އާދަތަކުގެ ކުލަތައް އޭގައި ޖައްސަވާ މުޑުދާރު ނުބައި ހުރިހާ އާދަތަކުން އެފޭރާން ސަލާމަތްވާނޭ ގޮތަކަށް.

ވީއިރު ދަޢުލަތެއް ނުވަތަ މުޖުތަމަޢެއް ނުވަތަ ރަށެއް ނުވަތަ ޢާއިލާއެއް ނުވަތަ ފަރުދެއްގެ އަމިއްލަ ނަފްސުވިޔަސް ﷲގެ ފޮތާއި އެކަލޭގެފާނުގެ މޫރިތި ސުންނަތުގެ މަތީގައި ބިނާކުރުމުގެ ފުރިހަމަ ނަމޫނާވަނީ ޢަމަލީގޮތުން ތަމްޞީލުކޮށް ބަޔާންކޮށްދެއްވާފަ. އެކަލޭގެފާނަށްފަހު އެޝަޚްޞިއްޔަތުގެ ހިޔަލުގައި އަޅުގަނޑުމެންގެ ދިރިއުޅުން އާރާސްތުކޮށް އެކަލޭގެފާނުގެ ސުންނަތް ދިރުވާ ބަޔަކުކަމުގައި އަޅަމެން ލައްވައިފާންދޭ.

﴿لَقَدۡ كَانَ لَكُمۡ فِىۡ رَسُوۡلِ اللّٰهِ اُسۡوَةٌ حَسَنَةٌ لِّمَنۡ كَانَ يَرۡجُوا اللّٰهَ وَالۡيَوۡمَ الۡاٰخِرَ وَذَكَرَ اللّٰهَ كَثِيۡرًاؕ‏﴾ [سورة الأحزاب21]

މާނައީ. "ހަމަކަށަވަރުން ﷲގެ ރަސޫލާގައި ތިޔަބައިމީހުނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. އެއީ ﷲއާއި އާޚިރަތް ދުވަހަށް އެދޭމީއަށެވެ. އަދި ﷲގެ މަތިން ގިނަގިނައިން ހަނދުމަ ކުރާ މީހާއަށެވެ."

Tekst

އަހަރެމެންގެ ޙަޔާތުގައި ބަލަންޖެހޭ އެންމެ ފުރިހަމަ ނަމޫނާ އަކީ ރަސޫލާ ﷺ އެވެ!

::
/ ::

Red

Čisto