Publicerad 2 år sedan i Övrig, i album: DheenugeMagu 98

Islamdheenuge hidhaayathakee emme bodu niumai (As_Shaikh Hassan Moosa Fikuree)

  • 113
  • 0
  • 0
  • 0
  • 0
  • 1

މިއީ "ދީނުގެމަގު" މަޖައްލާގެ ދެވަނަ އަހަރުގެ 98ވަނަ ނަމްބަރު ޢަދަދު 47ގެ 2ވަނަ ސަފުހާގައި އައްޝައިޚު ޙަސަން މޫސާ ފިކުރީ ލިޔުއްވައިފައިވާ މަޒުމޫނެކެވެ. DM98 - Y2 - VOL47 - P2

Text

ހިންދުކަނޑު ތެރޭ އޮތް ނާޒުކު މި ކުދިކުދި ޖަޒީރާތަކުގައި ލެއްވި، އެއް ނަސްލެއްގެ، އެއް ބަހަކުން ވާހަކަ ދައްކާ، އެއް ދީނަކަށް ތަބާވާ ބައެއްކަމުގައި ވުމަކީ ދިވެހީން އެ ކަންކަމަށް ފަޚުރުވެރިވާ ކަންކަމެވެ. މި ރާއްޖޭގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ގުޅިފައިވަނީ އެ ކަންކަމާއެވެ.
ތާރީޚު ހެކިދޭ ގޮތުގައި، ރާއްޖެއާ ތޮޅެން އައި ބޭރުގެ އެކިއެކި ފަރާތްތަކުން، އެކި ދުވަސްވަރު ރާއްޖެ އަޅުވެތި ކުރަން ކުރި މަސައްކަތުގެ ތެރޭގައި، ދިވެހީންގެ އިސްލާމްކަން ނައްތައިލުމަށް މަސައްކަތް ކޮށްފައިވާކަން ވެސް ފެންނާން އެބަ އޮތެވެ.
ދިވެހިރާއްޖޭގެ ތާރީޚު ލިޔަން ފެށުނީ ރާއްޖެ އިސްލާމްވުމަށް ފަހުގައެވެ. ލިޔެވި ފެންނާން އޮތް ރާއްޖޭގެ ހަމައެކަނި ތާރީޚު ފޮތަކީ އަލްޤާޟީ ޙަސަން ތާޖުއްދީނު ލިޔުއްވައިފައިވާ "ތާރީޚު އިސްލާމި ދީބާ މަޙަލް"ގެ ނަން ދެވިފައިވާ ދިވެހީންގެ ތާރީޚެވެ ކިޔުނު ފޮތެވެ. އިސްލާމްދީން އައުމުގެ ކުރީގައި ރާއްޖޭގައި އޮތީ ބުދުދީނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނާން ހުރި އާސާރުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި އޮތީ ބުޑިޒަމްގެ ކޮންމެވެސް މަޒުހަބެކެވެ. ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ވަޒަންވެރީންގެ ތެރޭގައި ބުއްދަށް އަޅުކަން ކުރި ބަޔަކު އުޅުނުކަން އެ އާސާރުތަކުން ހެކިދެއެވެ. މިއީ ދިވެހީންގެ ލިޔެވިފައި ނެތް ތާރީޚުގައި ހުރި ކަންކަމެވެ.
އިސްލާމްކަމުގެ މަތިވެރި ނިޢުމަތަށް ރައްކައުތެރިވުމަކީ، ދިވެހި ކޮންމެ މުސްލިމެއްގެ ބޮލުގައި އެޅިފައިވާ އެންމެ އިސް ވާޖިބެވެ. އިސްލާމްދީނާ ފުށުއަރާ، އިސްލާމީ ޢަޤީދާއާ ޚިލާފު ކަންކަމަށް ފަޚުރުވެރިވުމުގެ ބަދަލުގައި، މި ދީބުގައި ދެމި އޮތް އިސްލާމްކަން ރައްކައުތެރިކޮށްދިނުމަށް ދިވެހި އަބްޠާލުން ވެވަޑައިގެންނެވި ޤުރްބާނީގެ ވާހަކަ އަޅުގަނޑުމެންގެ ޅަދަރީންނަށް ކިޔައިދިނުމަކީ އަޅުގަނޑުމެންގެ ވާޖިބެކެވެ.
އިސްލާމްދީނުގެ ހިދާޔަތަކީ އިންސާނުންނަށް ލައްވާ އެންމެ މަތިވެރި ނިޢުމަތެވެ. މި ބިންމަތީގައި، މީސްތަކުން ލައްވައި، އެބައިމީހުން އުޅެންވީ އެންމެ ހެޔޮ މަގު ބަޔާންކުރެއްވުމަށް އެތައް ހާސް ނަބިއްޔުންނާއި އެތައް ސަތޭކަ ރަސޫލުންނެއް ކީރިތިވަންތަ ﷲ ފޮނުއްވެވިއެވެ. އެ ހުރިހާ ބޭކަލުންގެ ގޮވައިލެއްވުމަކީ ވެސް އެއް ބަސްފުޅެކެވެ. ﴿اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ﴾ ‎(الأعراف: ٥٩) މާނައީ: "ތިޔަބައިމީހުން މާތް ﷲއަށް އަޅުކަންކުރާށެވެ. އެއިލާހު ފިޔަވައި ތިޔަބައިމީހުންނަށް އެހެން އިލާހަކު ނުވެއެވެ."
އެންމެ ފަހުގެ ރަސޫލާ މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّم، މައްކާ ފަތަޙަކުރެއްވި ދުވަހު، ކަޢުބަތު ﷲ ގެފުޅުގެ ވަށައިގެންހުރި ހުރިހާ ބުދުތައް ތަޅުއްވައި، ޝިރުކުގެ ޝިޢާރުތަކުން އެ މާތް ގެކޮޅު ޠާހިރުކުރެއްވިއެވެ. އެ ދުވަހު ގެފުޅުގެ ތެރޭގައްޔާއި އެތާނގެ ވަށައިގެން ތިން ސަތޭކަ ފަސް ދޮޅަސް ބުދު ބެހެއްޓިފައި ހުރިކަމުގައި ރިވާވެގެންވެއެވެ. އެ ބުދުތަކަކީ އިންސާނީ ޙަޟާރަތާއި، ޢަރަބީންގެ ސަޤާފަތާ ގުޅިފައިވާ ތަކެތިކަމުގައި ދެކެވަޑައިގެން، އެ ތަކެތި ރައްކައުތެރިކުރުމަކަށް ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ހުއްދައެއް ނުދެއްވައެވެ. އޭގެ ބަދަލުގައި، މައްކާގެ ވަށައިގެންވާ ހިސާބުތަކުގައި ޢަރަބީން އަޅުކަންކޮށް އުޅުނު އެންމެހައި ބުދުތައް ތެޅުމަށް އެކި ކަންކޮޅުތަކަށް ޞަޙާބީން ފޮނުއްވެވިއެވެ.
ވީމާ، ދިވެހިރާއްޖޭގެ ތާރީޚާއި ސަޤާފަތް ދިރުވުމުގެ ނަމުގައި، އިސްލާމީ ޢަޤީދާއާ ޚިލާފު، ވަޘަނިއްޔަތާއި ބުދުދީނުގެ އާސާރުތައް އަލުން ޤާއިމުކުރުމަކީ ކުރާން ހެޔޮވާވަރު ކަންކަމެއް ނޫނެވެ. އޭގެ ބަދަލުގައި، ދިވެހިރާއްޖޭގެ ކާބަފައިންނާއި، އަބްޠާލުން އިސްލާމްދީނާއި، ދިވެހި ފަސްގަނޑުގެ ދިފާޢުގައި ކުރައްވައިފައިވާ ޖިހާދުގެ ތާރީޚު އަޅުގަނޑުމެންގެ ދަރީންނާއި ޒުވާނުންނަށް ކިޔައިދެމާ ހިންގަވާ! 

::
/ ::

Klar